
--
އދ މަހިބަދޫ މަގު ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފި އެވެ.

އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ރޭ ބުނީ އދ. މަހިބަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތައް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ޕްރީކާސްޓު ސާމާނުތައްވެސް ވަނީ ރޭ ބާޖެއްގައި އެރަށަށް ފުރުވާލާފައި އެވެ.
މަހިބަދޫ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރީ 2023ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭރުގެ ސަރުކާރުން ރިޔާސީ އިންތިހާބާއި ދިމާކޮށެވެ.
ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަށްފަހު އާރްޑީސީން ދަނީ މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މަހިބަދޫ ބޮޑެތި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގައު އެތުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ވެސް ހަރުކުރާނެއެވެ. މި މަޝްރޫއު އާރުޑީސީއާ ހަވާޅު ކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.7 މިލިއަން ރުފިޔާއަށެވެ.






