
ރަށުން ބޭރުގައި ސެވިއްޔާ އަތުން ބާސެލޯނާ ބަލިވެއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ސެވިއްޔާބާސެލޯނާ އާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގައި މިރޭ ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެ ލީގު ތާވަލު އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.

ލީގުގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯ އަތުން މޮޅުވެފައިވާއިރު، ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސެވިއްޔާ އިންނެެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ.
ސެވިއްޔާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ފޯވާޑް އިސާކް ރޮމޭރޯ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާއަށް ފަރަގު ކުޑަކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބާސެލޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލެވަންޑޮސްކީ ކުރިއަށް ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މިއާއެކު ސެވިއްޔާއަށް އިތުރު ހިތްވަރެއް ލިބި ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ޑިފެންޑަރު ހޯސޭ އެންހަލް ކަރަމޯނާ ކާމިޔާބުކުރިއިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަކޯ އެޑަމްސް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ސެވިއްޔާއަށް 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު އަށް މެޗުން އެޓީމަށް 19 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު ބާސެލޯނާ އޮތީ ތާވަލުގެ ދެވަނައިގައެވެ.