
ވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ވަގުތީގޮތުން އެއްވަނައަށް
# ވިލަރެއާލް # ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ސްޕެނިޝް ލަ ލީގާރެއާލް މެޑްރިޑާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން .
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ވަގުތީގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އެތްލެޓިކޯ މެޑްރިޑް އަތުން 5-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމި އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގައި ރެއާލް މެޑްރިޑުގެ ބްރެޒިލް ތަރި ވިނީސިއަސް ޖޫނިއަރ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑުހޯދައިދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ ވެސް މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިނީސިއަސަ އެވެ.
ވިލަރެއާލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޖިއާ ފޯވާޑް ޖޯޖް މިކައުޓާޓީ އެވެ. ނަމަވެސް އެޓީމަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ސަންޓިއާގޯ މޮރީނޯ ރެއާލްގެ ވިނީސިިއަސްއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއްދައްކައި ދަނޑުން ފޮނުވާލުނުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މީގެ އިތުރުން މިމެޗުގައި ރެއާލް މެޑްރިޑްގެ ތިންވަނަ ލަނޑު ފަހުހާފުގެ 81 ވަނަ މިނެޓުގައި އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު، ލަނޑުޖަހަން އުޅުމުގެ ތެރޭގައި އެމްބާޕޭގެ ފައިގެ ކުޑަހުޅަށް އަނިޔާވެ ވަނީ ބަދަލުކުރަންޖެހިފައެެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ލަނޑަކީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ރެއާލް މެޑްރިޑަށް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ދެވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އިތުރަށް އެއްމެޗު ކުޅެ ތާވާލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވިލަރެއާލްއަށް ލީގުގައި ކުޅުނު އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.