
ވެސްޓްހަމް ބަލިކޮށް އާސެނަލް އެއްވަނައަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލް# ވެސްޓްހަމް ޔުނައިޓެޑްއާސެނަލް އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފައިވާއިރު، ވެސްޓްހަމް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސްޓްހަމް އިންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަަމަ ހާފުގެ ފުރަަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާ އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި އާސެނަލް އިން ވެސްޓްހަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މިމެޗުގައި އާސެނަލްގެ ގޯލާއި އަމާޒުކޮށް ވެސްޓްހަމްއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއްނުވެއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން އާސެނަލްއަށް 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.