logoEN
Sto top
ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބު  އެއްވަނައަށް

ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބު އެއްވަނައަށް

ހަސަން ޝަމްއޫން

logo

10/2/2025, 9:37:30 PM

# ދިރާގް ދިވެހި ލީގު# ދިވެހި ކުޅިވަރު

ވިކްޓަރީ އާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: މިހާރު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިއްޓަރީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޑިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި އޮޑި އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު ވެލެންސިއާ އަތުން 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޮޑިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް އެވެ.

ވިކްޓަރީން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަޝާހު އަހުމަދު އެވެ. މިއީ އެޓީމުގެ އަލީ ޝާމިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ކަރޮލިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޮޑި ސްޕޯޓްސް ކުލަބަށް އަލުން ލީޑު ހޯދައިފައެވެ. އަދި އެޓީމުން ލިޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުޒަމް ރަޝީދު އެވެ.

ވިކްޓަރީން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ ފަހުވަގުތު ކާމިޔާބުކޮށްދިނީ ހަތަރު ވަރަކަށް އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮޑި ސްޕޯޓްސް ކުލަބު ލީގު ތާވާލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް މާޒިޔާގެ އިތުރުން ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ވެސް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

މިރޭގެ މެޗަށް ފަހު، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލިއިރު، ލީގު ތާވަލުގެ ހަތަރު ވަނައިގައި ބުރު ސްޕޯޓްސް ކްލަބް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ހަތް ވަނައިގައި އޮތް ވިކްޓަރީ އާއި އަށް ވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ނުވަ ވަނައިގައި އޮތް ކްލަބް އީގަލްސްއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC