logoEN
Sto top
ގްލޯބަލް ސުމޫދް ފްލޮޓީލާ ޣައްޒާއާއި ގާތްވަނީ: އިޓަލީގެ ނޭވީ އުޅަނދުން ހިމާޔާތްދިނުން ހުއްޓާލަން ނިންމައިފި

ގްލޯބަލް ސުމޫދް ފްލޮޓީލާ ޣައްޒާއާއި ގާތްވަނީ: އިޓަލީގެ ނޭވީ އުޅަނދުން ހިމާޔާތްދިނުން ހުއްޓާލަން ނިންމައިފި

އަހުމަދު ޝުރާއު

logo

9/30/2025, 5:31:05 PM

# އިޓަލީ

-

ޣައްޒާގެ ހިސޯރު ނައްތާލުމަށް ގިނަ އަދަދެއްގެ އެކްޓިވިސްޓުން ކަނޑުމަގުން ޣައްޒާއަށް ދިޔުމަށް ކުރަމުންދާ ދަތުރުގައި ބޯޓުތައް ޣައްޒާއަށް ކައިރިވެފައިވަނިކޮށް އުޅަނދުތަކަށް ހިމާޔާތް ދިނުމަށް ބޯޓުތަކާއިއެކު ދަތުރުކުރަމުންދިޔަ އިޓަލީގެ ނޭވީގެ އުޅަނދު ފަހަތަށް ޖެހެން ނިންމާފައިވާ ކަމަށް އިޓަލީން މިރޭ ބުނެފި އެވެ.

Wamco

އިޓަލީގެ ދިފާއީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އައްސޭރިފަށުގެ 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) އާއި ހަމައަށް އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ފްލޮޓިލާގެ ބޯޓުތައް ކައިރިވުމުން އެބޯޓުތަކަށް ހިމާޔާތްދިނުން ހުއްޓާލާނެ ކަމަށެވެ. އަދި މިކަން ބޯޓުތަކުގައި ތިބި ފަރާތްތަކަށް މީގެ ކުރީންވެސް އަންގާފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް ނޭވީ ބޯޓުން ދެ އިންޒާރެއް ދޭނެ ކަމަށާއި ދެވަނަ އަދި އެންމެ ފަހު އިންޒާރު ދޭނީ ޖީއެމްޓީ ގަޑިން 00:00 ހާއިރު ކަމަށެވެ. އެއީ ރާއްޖެ ގަޑިން މިރޭގެ ފަތިހު 05:00 އެވެ.

ފްލޯޓިލާގައި ހަރަކާތްތެރިވާ އިޓަލީގެ މަންދޫބަކު ބުނީ އިޒްރޭލާ އެކު ޑިޕްލޮމެޓިކް ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ނޭވީ ބޯޓުތައް ޣައްޒާއާއި ވަކި ސަރަހައްދަކަށް ކައިރިވުމުން އެނބުރި އައުމަށް ސަރުކާރުން ރާވާފައިވާ ކަމުގެ މައުލޫމާތު އެކްޓިވިސްޓުންނަށް ދީފައިވާ ކަމަށެވެ. ނޭވީން ފަހުގެ އިންޒާރުދޭން ކަނޑައަޅާފައިވާ ސަރަހައްދަކީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.

އިޓަލީ އާއި ސްޕެއިން ފްލޮޓިލާއަށް ރައްކާތެރިކަން ދިނުމަށް ކަނޑުގެ އުޅަނދުތައް ފޮނުވީ ގްރީސްގެ ކަނޑުގެ ސަރަހައްދުގައި އެބޯޓުތަކަށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ފްލޮޓިލާގެ ބޯޓުތަކުގައި އިޓަލީއާއި ސްޕެއިންގެ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

40 އަށް ވުރެ ގިނަ މަދަނީ އުޅަނދު ހިމެނޭ ގްލޯބަލް ސުމުދު ފްލޮޓިލާގައި ގިނަ ގައުމުތަކެއްގެ އެކްޓިވިސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް އަންނަނީ މި ފްލޮޓިލާގައި ހިމެނޭ އޮބްޒާވަރ ބޯޓެއްގައި ދަތުރުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC