
ވާދަވެރި ކުޅުމަކަށްފަހު އޭއާރުސީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އެފްއެސްއެމްއަށް
# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025އެފްއެސްއެމް އާއި އޭއާރުސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި މިރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެއާޕޯޓް ރެކްރިއޭޝަން ކުލަބު (އޭއާރުސީ) ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން އެފްއެސްއެމް ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އޭއާރުސީ ސެމީފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި އަށް ޕޮއިންޓާއެކު ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެފްއެސްއެމް އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަމީން އިބްރާހިމް އެވެ.
އޭއާރުސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް އަލަފް އިބްރާހިމް އެވެ. އަދި އެފްއެސްއެމް އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އާލިފް ފަހުމީ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެފްއެސްއެމް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްއެމްގެ ގޯލްކީޕަރު. މުހައްމަދު މުއްޒަންމިލް އެވެ.
20 ސެޕްޓެންބަރު 2025 އިން 02 އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.