
ފަސޭހަކަމާއެކު މޯލްޑިވިއަން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެސްއޭސީއަށް
# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025އެސްއޭސީގެ ކުޅުންތެރިން މޯލްޑިވިއަން ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި މިރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޯލްޑިވިއަން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެސްއޭސީ އިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލުން އެސްއޭސީ ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މޯލްޑިވިއަން ސެމީފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލީގުބުރުގެ ހަަތަރުވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މޯލްޑިވިއަން ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި އެސްއޭސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެސްއޭސީގެ އަބްދުﷲ އާޒިމް، އަހުމަދު އަޒާން ޝަމްވީލް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަސްރާރު އަލީ އަދި ދައިސަމް ހަސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މޯލްޑިވިއަން ޓީމުގެ ހަމައެކަނި ލަނޑު އެޓީމުގެ މުހައްމަދު ފަޒީލް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭސީގެ އަހުމަދު އަޒާން ޝަމްވީލް އެވެ.
20 ސެޕްޓެންބަރު 2025 އިން 02 އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.