
ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން ޔުނައިޓެޑް ބަލިވެއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް# ބްރެންޓްފޯޑްބްރެންޓްފޯޑާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ބްރެންޓްފޯޑާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މިނަތީޖާއެކު ލިގުގައި ކުޅުނު ހަ މެޗުން ބްރެންޓްފޯޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު ހަ މެޗުން އެޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރެންޓްފޯޑް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-3 ގެނަތީޖާއަކުން ކާމިޔާބުކުރީ ބްރެންޓްފޯޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބްރައިޓަން އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އަދި އެޓީމުގެ މިދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އެވެ.
އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަަނަ މިނެޓުގައި ތިއާގޯ ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. އަދި ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު އޭގެ ހަމިނެޓު ފަހުން ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު ސްލޮވޭނިއާގެ ފޯވާޑް ބެންޖަމިން ސެސްކޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މިހާފުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކުރިއަށް ފޮނުވާލި ޕެނަލްޓީ ބްރެންޓްފޯޑް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މިމެޗުގައި ބްރެންޓްފޯޑްގެ ތިންވަނަ ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު މެތިއަސް ޖެންސެން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.