
އެފްއެސްއެމް އަތުން އެސްއޭސީއަށް ތަފާތުބޮޑު މޮޅެއް
# އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025# ދިވެހި ކުޅިވަރުއެސްއޭސީ އާއި އެފްއެސްއެމް ވާދަކުރި މެޗުގެ ތެރެއިން..
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 5-2 ގެ ނަތީޖާއަކުން ފިއުލް ސަޕްލައި މޯލްޑިވްސް؛(އެފްއެސްއެމް) ބަލިކޮށް ސަދަން އޭރިއާ ކޮމާންޑް (އެސްއޭސީ) ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މުބާރާތުގެ ލީގުބުރުގައި އެސްއޭސީ ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗު އެއްވަރުވެފައިވާއިރު، ލީގުބުރުގައި އެފްއެސްއެމް ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެފްއެސްއެމް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި އެސްއޭސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމުގެ އަސްރާރު އަލީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ވިއާމް، ދައިސަމް ހަސަން އަދި އަހުމަދު އަޒާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި އެފްއެސްއެމްގެ ހަސަން މުފީދު އަދި ނަޖުމުﷲ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭސީގެ އަސްރާރު އަލީ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ އެއްވަނައިގައި އެސްއޭސީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އެފްއެސްއެމް ލީގުބުރުގައި ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.