
ޕްލާސްޓިކްގެ ނުރައްކާ ނައްތާލުމަށް ދުނިޔޭގެ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދުނިޔެއަށް ދިމާވެފައިވާ ޕްލާސްޓިކުގެ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި އެވެ.

މި ޔަގީންކަން ރާއްޖެއިން ދީފައިވަނީ ޕްލާސްޓިކްގެ ނުރައްކާ ނައްތާލުމަށް ހަދާފައިވާ ހައި އެމްބިޝަން ކޯލިޝަން (އެޗް.އޭ.ސީ) ގެ ވަޒީރުންގެ ބައްދަލުވުންގައި، ރާއްޖޭގެ މިނިސްޓަރު ޠާރިގު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި އެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރު ޠާރިގު އިބްރާހީމް ވަނީ އ.ދ. ގެ ތިމާވެށީގެ އެސެމްބްލީގެ (ޔޫ.އެން.އީ.އޭ) ގަރާރު 5/14 އަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ. އަދި އިންޓަގަވަރމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީގެ (އައި.އެން.ސީ) 5 ވަނަ ބައްދަލުވުމުގައި ޕްލާސްޓިކްއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޤްޞަދުތަކެއް ހިމެނޭ މުޢާހަދާއަކަށް ވާސިލްވުމަށްޓަކައި، ކުރިއަށް ހުރި މަސައްކަތްތަކުގެ މެދު ނުކެނޑި ދެމިތިބުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުން ބޭއްވުނީ ޕްލާސްޓިކްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެކުލެވޭ ކޯލިޝަނެއްގެ ތެރެއިންނެވެ. މިނިސްޓަރު ޠާރިގު އިބްރާހީމްގެ ވާހަކަފުޅުގައި، މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ހިމެނޭ އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާއިރު، ކަނޑަށް ޕްލާސްޓިކްގެ ކުނި އުކާލުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުރިމަތިވާ ގައުމެކެވެ. އެހެންކަމުން، ރާއްޖެއިން ވަނީ ޕްލާސްޓިކްގެ މަސްއަލަ ހައްލުކުރުމަށް އަބަދުވެސް އިސް ދައުރެއް އަދާކުރަމުންނެވެ. ހައި އެމްބިޝަން ކޯލިޝަންގެ ބައްދަލުވުމުގައި މިނިސްޓަރު ތާރިގް ވަނީ މިކަން ވަނީ އަލުން ފާހަގަވެފައެވެ. ޕްލާސްޓިކްގެ ނުރައްކާ ނައްތާލުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް ވެސް މިނިސްޓަރު އިޝާރާތްކުރެއްވިއެވެ.
ގުޅުންހުރި

ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އައިކޯސްޓް ވެލިޑޭޝަން ވަރކްޝޮޕް ފެށިގެން ކުރިޔަށް!

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އީ-ވޭސްޓް ހެކަތޯން 2025 ކާމިޔާބީއާއެކު ނިންމާލައިފި
