އެވްސެކް ބަލިކޮށް ޕޮލިސް ޓީމުން ސެމީގެ އުންމީދު އައުކޮށްފި
# އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025# ދިވެހި ކުޅިވަރުޕޮލިސް ކުލަބާއި އެވްސެކް ވާދަކުރި މެޗުގެ ތެރެއިން..
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް) ބަލިކޮށް ޕޮލިސް ޓީމުން މުބާރާތުގެ ސެމީފައިނަލުގެ އުންމީދު އައުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގައި ޕޮލިސް ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އަނެއް މެޗު އެއްވަރުވެފައިވާއިރު، ލީގުބުރުގައި އެވްސެކް ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕޮލިސް ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިމާހު އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އިމާހް އެވެ.
ނަމަވެސް އޭގެ ތިން މިނެޓްފަހުން އެވްސެކްގެ ޚާޝިމް ޚާލިދު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިމެޗުގައި ޕޮލިސް ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒައިދުﷲ އަހުމަދު އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕޮލިސް ޓީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ މުހައްމަދު އިމާހު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައި ޕޮލިސް އޮތްއިރު، މިމެޗުން ބަލިވި އެވްސެކް އިން ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.
އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.