ވާދަވެރި ކުޅުމަކަށްފަހު އޭއާރުސީ ބަލިކޮށް އެފްއެސްއެމް އެއްވަނައަށް
# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025އެފްއެސްއެމް އާއި އޭއާރުސީ ވާދަކުރި މެޗުގެ ތެރެއިން..
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އެއާރުސީ) ބަލިކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލީގު ތަވާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މުބާރާތުގެ ލީގުބުރުގައި އެފްއެސްއެމް ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗު އެއްވަރުވެފައިވާއިރު، ލީގުބުރުގައި އޭއާރުސީ ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެފްއެސްއެމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން މުފީދު އެވެ.
އެއާރުސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ވަހީދު އެވެ. ނަމަވެސް އޭގެ ހަ މިނެޓްފަހުން އެފްއެސްއެމްގެ އަހުމަދު އާލިފް ފަހުމީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އެފްއެސްއެމް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްއެމްގެ ހަސަން މުފީދު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އެފްއެސްއެމް އޮތްއިރު، މިމެޗުން ބަލިވި އެއާރުސީ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.
އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.