
ފަސޭހަކަމާއެކު އެވްސެކް ބަލިކޮށް އެސްއޭސީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025އެސްއޭސީ އާއި އެވްސެކް ވާދަކުރި މެޗުގެ ތެރެއިން..
އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން އޭވިއޭޝަން ސެކިއުރެޓީ ކޮމާންޑް (އެވްސެކް) ބަލިކޮށް އެސްއޭސީ އިން ބާކީ ދެމެޗު އޮއްވައި މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގައި އޭއާރުސީ ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗު އެއްވަރުވެފައިވާއިރު، ލީގުބުރުގައި މޯލްޑިވިއަން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، ދެވަނަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އެސްއޭސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި އެޓީމުގެ އަހުމަދު އަޒާން، ދައިސަމް ހަސަން އަދި އަބްދުﷲ އާޒިމް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭސީ އަހުމަދު އަޒާން އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ އެއްވަނައިގައި އެސްއޭސީ އޮތްއިރު، މިމެޗުން ބަލިވި އެވްސެކް ލީގުގައި ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.