logoEN
Sto top
ފަސޭހަކަމާއެކު މޯލްޑިވިއަން ބަލިކޮށް އެފްއެސްއެމް ތާވަލުގެ އެއްވަނައަށް

ފަސޭހަކަމާއެކު މޯލްޑިވިއަން ބަލިކޮށް އެފްއެސްއެމް ތާވަލުގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

9/23/2025, 7:45:00 PM

# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025

މޯލްޑިވިއަން އާއި އެފްއެސްއެމް ވާދަކުރި މެޗުގެ ތެރެއިން..

އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޯލްޑިވިއަން ބަލިކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެފްއެސްއެމް ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ޓީމާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މެޗުވެފައިވާއިރު. ދެވަނަ މެޗުގައި އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް) އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މޯލްޑިވިއަންގެ ފުރަތަމަ މެޗުގައި ސަދަން އޭރިއާ ކޮމާންޑް (އެސްއޭސީ) އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެފްއެސްއެމް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރިގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން މުފީދު އެވެ.

އެފްއެސްއެމް އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި މުހައްމަދު އާލިފް ފަހުމީ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މުފީދު އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެފްއެސްއެމް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްއެމްގެ ހަސަން މުފީދު އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން އެފްއެސްއެމްއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި މޯލްޑިވިއަން ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުފައެވެ.

އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC