
400 އަށްވުރެ ގިނަ ސްކައުޓުންނާއިއެކު ނެޝަނަލް ޕެޓްރޯލް ކޭމްޕު ކުޑަގިރީގައި ފެށިގެން ކުރިޔަށް!
# ސްކައުޓް އެސޯސިއޭޝަން-
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަނަލް ޕެޓްރޯލް ކޭމްޕް، ކ ކުޑަގިރީގައި އިއްޔެ ފަށައިފި އެވެ.

މިއީ، ސްކައުޓް ދަރިވަރުންގެ ތެރޭގައި އިސްކޮށް މަސައްކަތްކުރާ ސްކައުޓުންނަށް، ލީޑަރޝިޕް ހުނަރުތައް ދަސްކޮށްދިނުމާއި ސްކައުޓުންނަށް ލިބިފައިވާ ހުނަރުތައް ދައްކާލުމާއި، ޕެޓްރޯލްތަކުގެ ރޫހް އިތުރަށް ވަރުގަދަކޮށް ސްކައުޓް ހަރަކާތުން ލިބިފައިވާ ތަޖުރިބާތައް އެއްބަޔަކު، އަނެއް ބަޔަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕެކެވެ.
މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޭމްޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 51 ސްކޫލުން 437 ސްކައްޓުންނާއި ލީޑަރުން ބައިވެރިވެއެވެ. އަދި ބައިވެރިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި މަޢުލޫމާތު ހިއްސާކުރުމާއި، ކޭމްޕް ހިންގުމުގައި ސްޓާފުންގެ ގޮތުގައި 50 ވަރަކަށް. ބޭފުޅުން ބައިވެރިވާނެއެވެ.
މިއަހަރުގެ ކޭމްޕްގެ ތީމަކީ "އަނބުރާ އަސާސްތަކަށް ސްކައުޓިންގެ ރޫހު "އަލުން ހޯދުން" މިއެވެ.
ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި ސްކައުޓް ހަރަކާތަކީ ދޮރުން ބޭރު ހަރަކާތަކަށްވާއިރު މިފަދަ ކޭމްޕްތަކަކީ ސްކައުޓުން ސްކޫލްގައި ދަސްކުރާ ސްކައުޓް ހަރަކާތުގެ ހުނަރުތައް ދަސްވެފައިވާ މިންވަރު އަމަލީގޮތުން، ދެއްކުމަށް ލިބޭ ފުރުސަތެކެވެ. ކޭމްޕްގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި، ބައިވެރިން އަމިއްލަ ކޭމްޕްސައިޓްތައް ގާއިމުކުރުމާއި ދުވަހުން ދުވަހަށް ކުރާ ހަރަކާތްތައް މެނޭޖްކުރުމާއި ކަނޑައެޅިފައިވާ ވަގުތުތަކަށް ކަންކަން ކުރުމާއި އޯޕަން ފަޔަރ ޖެހުމުގައި އޮންނަ ސަލާމަތީ އުސޫލުތަކާއި އެއްގޮތަށް އެކަން، ކުރުމާއި އަމިއްލައަށް ކެއްކުމާއި، ޕައިނިއަރިންގެ ހުނަރުތައް ދައްކާލުންވެސް ހިމެނޭނެއެވެ.
މީގެ އިތުރުން ގުޅިގެން ޓީމެއްގެގޮތުގައި މަސައްކަތް ކުރުމާއި ޒިންމާދާރުކަމާއި ތިމާގެ ކަންކަން ތިމާ އަމިއްލައަށް ކުރުމާއި ޖިސްމާނީ އަދި ރޫހާނީ ތަރުބިއްޔަތު އުނގަންނައޮ ދިނުމުގެ ހަރަކާތްތައްވެސް ކޭމްޕް ތެރޭގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.
މިކަންކަމަކީ ސްކައުޓުންނަށް އެމީހުންގެ ސްކައުޓިންގ ހުނަރުތަކާއި ގާބިލުކަން ހަގީގީ ދުނިޔޭގެ މާހައުލެއްގައި ދައްކުވައިދިނުމުގެ މަންސައެއްގެ ގޮތުގައި ޚިދުމަތްކުރާނެ ކަންކަން ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.
ނޭޝަނަލް ޕެޓްރޯލް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގެ ބައެއްގެގޮތުގައި ހައުސިންގ ޑިވެލޮޕްަންޓް ކޯޕަރޭޝަނާ ގުޅިގެން ކުޑަގިރީގައި ގަސްއިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޭމްޕްގެ ހުރިހާ ބައިވެރިންގެ ފަރާތުން ކުޑަގިރިއަށް ދޫކޮށްލާނެ ފެހިކަމުގެ ނިޝާނެކެވެ. މިއީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސްކައުޓް ޖަމްއިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބައެކެވެ.
ގުޅުންހުރި

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު މުޙައްމަދު ޚާލިދު ނިޔާވެއްޖެ

400 އަށްވުރެ ގިނަ ސްކައުޓުންނާއިއެކު ނެޝަނަލް ޕެޓްރޯލް ކޭމްޕު ކުޑަގިރީގައި ފެށިގެން ކުރިޔަށް!





