logoEN
Sto top
ޓޮރޭސްގެ ދެލަނޑާއެކު ގެޓާފޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ޓޮރޭސްގެ ދެލަނޑާއެކު ގެޓާފޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

9/21/2025, 9:10:41 PM

# ސްޕެނިޝް ލަ ލީގާ# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރު# ގެޓަފޭ

ބާސެލޯނާއި ގެޓަފޭ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ބާސެލޯނާ ކުޅުނު ފަސް މެޗުން އެޓީމަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ގެޓާފޭއަށް ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އަތުން 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ގެޓާފޭ އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް އޮވިއެޑޯ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ މޮޅުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓިގައެވެ. މިލަނޑު ޑެނީ އޯމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޓޮރޭސް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ އޯމޯ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC