
ފަސޭހަކަމާއެކު އިންޑިއާ ބަލިކޮށް ޕާކިސްތާނުން ފެންވަރު ދައްކާލައިފި
# ދިވެހި ކުޅިވަރު # ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕްއިންޑިއާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ވާދަވެރި އިންޑިއާ ބަލިކޮށް ޕާކިސްތާނުން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގައި ޕާކިސްތާނުގެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 17 ޕޮއިންޓްގެ ލީޑަކާއެކު 9-26 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ޕާކިސްތާނުން އެޓީމު އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 34-13 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްތާން ޓީމުގެ އަހުމަދު ހަސަން ބެއިގް އެވެ.
މުބާރާތުގައި މާދަމާ ހަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހެނދުނު 7:00 ގައި ސްރީލަންކާއި ދެކޮޅަށް ޕާކިސްތާން ނުކުންނައިރު، 8:00 ގައި ދިވެހިރާއްޖެ އިން ނުކުންނާނީ ސައުތު އެފްރިކާއި ދެކޮޅަށެވެ. އަދި 9:00 ގައި އިންޑިއާ އިން ނުކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ.
މާދަމާ ރޭ 20:00 ގައި ޕާކިސްތާނާއި ދިވެހިރާއްޖެ ވާދަކުރާއިރު، 21:00 ގައި ބަންގްލަދޭޝް އިން ނުކުންނާނީ ސްރީލަންކާއި ދެކޮޅަށެވެ. އަދި 22:00 ގައި ކުޅޭ ފަހު މެޗުގައި އިންޑިއާ އިން ނުކުންނާނީ ސައުތު އެފްރިކާއި ދެކޮޅަށެވެ.
18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.
ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.