logoEN
Sto top
ލަންކާ ބަލިކޮށް ރާއްޖެ އިން މުބާރާތް ފެށީ އިތުބާރާއެކު

ލަންކާ ބަލިކޮށް ރާއްޖެ އިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

9/18/2025, 1:16:26 PM

# ދިވެހި ކުޅިވަރު # ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް

ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ގާފު ސްޕޯޓްސް

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށް ރާއްޖެ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ދިވެހި ޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 28-24 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ލަންކާ ޓީމުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިސެޓް އަށް ޕޮއިންޓްގެ ލީޑަކާއެކު 34-26 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓީމުން ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 7-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޓީމުން ވަނީ ދެ ސެޓް އެއްސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ އަހުމަދު ރަޒްނީ މުހައްމަދު އެވެ.

18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.

ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC