
ސީދާ ދެ ސެޓުން ސައުތު އެފްރިކާ ބަލިކޮށް ބަންގްލަދޭޝް އިން ފެށުން ރަނގަޅުކޮށްފި
# ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް# ދިވެހި ކުޅިވަރުސައުތު އެފްރިކާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން..
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ސައުތު އެފްރިކާ ބަލިކޮށް ބަންގްލަދޭޝް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓުގައި ބަންގްލަދޭޝް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 7-24 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ދެކޮނު އެފްރިކާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް، ވާދަވެރި ކުޅުމަކަށް ފަހު ނުވަ ޕޮއިންޓްގެ ފަރަގަކާއެކު 20-29 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް ބަންގްލަދޭޝުން ވަނީ 2-0 ގެ ނަތީޖާއަކުން މެޗުން މޮޅުވެފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަންގްލަދޭޝް ޓީމުގެ އެމްޑީ ޚޮކޮން މޮއްލާ އެވެ.
18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.
ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.