
17 އަހަރުން ދަށުގެ އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމު.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް
ޖޯޑަންގެ ވެރިރަށް އަންމާނުގައި މާދަމަ ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ފުރަތަމަ އޭޝިއަން ޗެންޕިއަންޝިޕް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އީރާން އާއި ދެކޮޅަށް ދިވެހިރާއްޖޭގެ ޒުވާން ޓީމު ނުކުންނައިރު އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ބުނެފިއެވެ.

ޒުވާން ގައުމީ ޓީމާއެކު މިވަގުތު ޖޯޑަންގައި ހުރެ ގާފު ސްޕޯޓްސް އާއި ވާހަކަދައްކަމުން ހޭންޑްބޯޅަ މޯލްޑިވްސްގެ ނައިބް ރައީސް އަލީ އިޔާޒް ބުނީ، މުބާރާތައް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބުނުކަމަށާއި ނަމަވެސް މަރާމާތައް ހޭންޑްބޯޅަ ދަނޑު ބަންދުކުރުމުގެ ސަބަބުން ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ދަތިތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ.
ފަހުން ޕްރެކްޓިސް ކުރަންޖެހުނީ ޓާފު ދަނޑުތަކުގައި އެހެންވެ ކުޅުންތެރިންނަށް ވެސް ވަރަށް އުނދަގޫވާނެ.. ނަމަވެސް ކުޅުންތެރިންގެ މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހޭ.. އަދި ވަކިން ޚައްސަކޮށް ޓީމު ތައްޔާރުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރަން...
މުބާރާތާއި ބެހޭގޮތުން ގާފު ސްޕޯޓްސް އާއި ވާހަކަދައްކަމުން ޒުވާން ޓީމުގެ ކޯޗު ހުސެއިން އަޒުހަމް ބުނީ ފުރަތަމަ ދެމެޗުގައި ވާދަކުރަން ޖެހޭ އީރާން އަދި ކޮރެއާ އަކީ އޭޝިއާގެ ނިސްބަތުން ވެސް އެންމެ ވަރުގަދަ ދެޓީމު. އަދި މިގުރޫޕްގައި ހިމެނޭ ސީރިއާ އަކީ ވެސް ނިސްބަތުން ރާއްޖެއަށްވުރެ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި މިއީ މިލެވެލްގައި މިކުޅުންތެރިންގެ ފުރަތަމަ ތަޖުރިބާ ނަމަވެސް އުންމީދަކީމުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުން..
މުބާރާތުގެ ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި މާދަމާ މެންދުރު 13:00 ގައި އީރާނާއި ދެކޮޅަށް ކުޅުމަށްފަހު ދެވަނަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ދިވެހި ޓީމު ނުކުންނާނީ ސައުތު ކޮރެއާއި ދެކޮޅަށެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހު ހަވީރު ދިވެހި ޓީމުން ނުކުންނާނީ ސީރިއާއި ދެކޮޅަށެވެ.
15 ސެޕްޓެންބަރު 2025 އިން 25 ސެޕްޓެންބަރު 2025 ގެ ނިޔަލަށް އަންމާންގެ ޕްރިންސަސް ސުމައްޔާ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 13 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 13 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭ، ބީ، އަދި ސީގައި ތިން ޓީމު ހިމެނޭއިރު ރާއްޖެ ހިމެނޭ ގުރޫޕް ޑީގައި ހަތަރު ޓީމު ހިމެނެއެވެ.