
މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި: ވިދާޅުވީ ވަކިވާންޖެހުނު ސަބަބު އެނގެންޖެހޭ މީހުންނަށް ސާފުވާނެ ކަމަށް!
# އަހްމަދު މަހްލޫފްމަހުލޫފު 2023 ގެ އެމްޑީޕީ ކެމްޕެއިންގައި - ފޮޓޯ | ދެން
ކުރީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް 10 އަހަރަށްފަހު އިދިކޮޅު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް މަހުލޫފް މިއަދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައި އެވެ. އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.
ނަމަވެސް މަހުލޫފްގެ ވަކިވުމާއިއެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ މަހުލޫފަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ފާޑުކިޔަމުންނެވެ.
އެމްޑީޕީން ވަކިވިކަން ރަސްމީކޮށް ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރާކަމަށާއިވަކިން ޚާއްސަކޮށް ރައީސް ޞާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކޮށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ އެމަނިކުފާނަށް ޝުކުރުއަދާކުރާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ މެންބަރެއް ގޮތުގައި އޭނާ ހުރިއިރު އެހީތެރިވެ، ތާއީދުކޮށްދެއްވި އެންމެހާ ޕާޓީގެ ލޮބުވެތި މެންބަރުންނަށާއި ޚާއްސަކޮށް މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ތާއީދުކޮށްދެއްވި އެންމެހާ ބޭފުޅުންނަށްވެސް މަހުލޫފް ވަނީ ޝުކުރު ދަންނަވާފައި އެވެ.
މަހުލޫފް ވަނީ އޭނާގެ މި ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މައާފަށްއެދޭ ކަމަށާއި ހިތްބުރަކަމެއް ނުބާއްވާ، އަދިވެސް އެކުވެރިކަން އޮންނާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި އެވެ.
"ހަނދާން އާކޮށްލާނަމެވެ. 2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. " ފާޑުކިޔުންތަކަށް ރައްދު ދެއްވައި މަހުލޫފް ވަނީ ކުރީ ސަރުކާރުގައި ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫން ކަމަށް ވިދާޅުވެފައި އެވެ.
ސިޔާސީ ޕޯޑިއަމް އަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވެފައިވާކަން ފާހަގަކޮށް މަހުލޫފް މިއަދުގެ ނިންމުމާއިއެކު ގިނައިން ފާޑުކިޔަމުން ދާތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުން ކަމަށެވެ.
މަހުލޫފްގެ ޕޯސްޓުގައި ވަނީ ވަނީ ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށާއި ދެގޮތެއްނުވެ އެއްވިސްނުމެއްގައި ހުރި ލީޑަރެއްނެތްކަމަށްވެސް ވިދާޅުވެފައި އެވެ.
އަދި ޕާޓީން ވަކިވާން ނިންމި ނިންމުމަކީ ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ނަމަވެސް، ވަކިވެގެން ދަނީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރާކަށްނެތްކަމަށް ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ އެކަން އެގެންޖެހޭ ފަރާތްތަކަށް ސާފުވާނެކަން ޔަގީން ކަމަށެވެ.
ގުޅުންހުރި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި: ވިދާޅުވީ ވަކިވާންޖެހުނު ސަބަބު އެނގެންޖެހޭ މީހުންނަށް ސާފުވާނެ ކަމަށް!

ސާބާ ވިމެންސް ޗެމްޕިއަންޝިޕް 2022 ގެ ލޯގޯ އިފްތިތާހުކޮށްފި

ގަލޮޅުދަނޑު މަޝްރޫއާ ގުޅިގެން މަހުލޫފްއާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަނީ
