
-
ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސްއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 (ދުއިސައްތަ) ރޯހައުސް ދޫކުރުމާ ގުޅޭ އުޞޫލު (އުޞޫލު ނަންބަރު 2025/G-17 - ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި މިދިޔަ ހަފްތާގައި ޝާއިރުކޮށްފައިވާކަމަށެވެ.
އަދި އެ އުޞޫލުގެ ދަށުން ރޯ ހައުސްއަށް ޝަރުޠު ފުރިހަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 7 ސެޕްޓެންބަރު 2025 ގެ 9:00 އިން ފެށިގެން 7 ނޮވެންބަރު 2025 ގެ 23:59 ނިޔަލަށެވެ.
މިއީ މި ރޯހައުސްތަކަށް އެދި ހުށަހެޅަން ހުޅުވާލި ދެވަނަ ފަހަރެވެ. ތިނަދޫ ކައުންސިލުން މީގެ ކުރީން މި ފުރުސަތު ހުޅުވާލި ނަމަވެސް ހައުސިންގެ މިނިސްޓްރީގެ ހުއްދަ ހޯދާފައިނުވުމުން ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކުރި އިއުލާން ބާތިލުކުރަން އެންގިއެވެ. ނަމަވެސް އެ އެންގުމަށް އަމަލުކޮށްފައިނުވުމާއިއެކު29 ޖެނުއަރީގައި ތިިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނަކީ މިނިސްޓްރީގެ ލަފާ އާއި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިއުލާނެއް ކަމަށްވާތީ އިއުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް މިނިސްޓްރީން ނިންމާފައިވެއެވެ.
ތިނަދޫގައި ފްލެޓަކަށް 1.2 މިލިއަން ރުފިޔާގެ މަގުން 200 ފްލެޓް އެޅީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްގެންނެވެ. މިއީ ތިން ކޮޓަރީގެ، 700 އަކަފޫޓުގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.