
ރައްޔިތުންގެ ޖީބަށް ލާރި ވަންނާނެ ގޮތް ހޯދާދޭންޖެހޭނީ ކައުންސިލުން، މޭޔަރަކަށް މި ނުކުތީ އެކަން ކުރާން - އަޖީބު
# ތިނަދޫ ސިޓީ-
ތިނަދޫ ސިޓީއަކީ ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ސިޓީއެއް ކަމަށާއި މޭޔަރު ކަމަށް އިންތިހާބުކޮށްފިނަމަ އެކަން ސާބިތުކޮށްދޭނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ވެރިކަން ކުރާ ޕީއެންސީން މިރޭ ވަނީ އެސިޓީގައި ޚާއްސަ ޖަލްސާއެއް ބާއްވާފައި އެވެ. މިރޭގެ ޖަލްސާގައި ޕިއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު އާއި ޕީއެންސީގެ ލީޑަރޝިޕްގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރޭގެ ޖަލްސާގައި މޭޔަރުޝިޕުގެ ތަސައްވަރު ހާމަކުރައްވަމުން އަޖީބް ވިދާޅުވީ ތިނަދޫ ސިޓީއަކީ ވަރަށް ފަހުރުވެރި މާޒީއެއް އޮތް ރަށެއް ކަމަށާއި ހުރިހާ ރޮނގަކުންވެސް ރާއްޖޭގައި ނަން ފަވާލެވިގެންގޮސްފައިވާ ރަށެއް ކަމަށެވެ. ވަކީން ޚާއްސަކޮށް އިގްތިސޯދީ ރޮގުން ތިނަދޫއަކީ މުޅި ރާއްޖޭގައިވެސް މީގެ ކުރީން ފާހަގަކޮށްލެވޭ ރަށެއް ކަމަށާއި އެކަން މިހާރުވެސް ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވައި އަޖީބް ވިދާޅުވީ ތިނަދޫ ސިޓީއާއި އެއަތޮޅަކަށް ތިނަދޫ ނިސްބަތްވާ ހުވަދު އަތޮޅަކީ އިގްތިސޯދީ ގޮތުން އެތައް މަންފާތަކެއް ހޯދޭނެ ތަނަކަށް ވާއިރު އެކަން ތިނަދޫ ކައުންސިލުން ފަހިކޮށްދެވެން ވާނެ ކަމަށެވެ. ރަށާއި ރަށް ކައިރިން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދައި ހުރިހާ ކަމަކަށް ސަރުކާރަށް ބަރޯސާނުވެ ކައުންސިލުން ހޯދާ އާމްދަނީއިން ރައްޔިތުންގެ ކަންކަން ކުރުަމަކީ އޭނާގެ އެންމެ ބޮޑު ތަސައްވުރުކަން އަޖީބް މިރޭގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
" ރަށުގެ ރައްޔިތުންނަކީ އެމީހުންގެ ޖީބަށް ލާރި ވަންނަ ބަޔަކަށް ހަދަން ޖެހޭނީ ކައުންސިލުން، މޭޔަރަކަށް މި ނުކުތީ އެކަން ކުރާން" އަޖީބް ވިދާޅުވިއެވެ.
އަޖީބް އިތުރަށް ވިދާޅުވީ ތިނަދޫ ފުރިހަމަ ސިޓީއަކަށް ވެގެންދާއިރު އެރަށަކީ މީހުން ލޯބިވާ، އަދި އެހެން ރަށްރަށުގެ ރައްޔިތުންނަށް މަރުހަބާކިޔާނެ އެރަށްތަކުގެ ރައްޔިތުންނަށްވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ ސިޓީއަކަށް ހެދުމަކީ އޭނާގެ ތަސައްވަރުެއް ކަމަށާއި ތިނަދޫގައި އިތުރު ގިނަ ވަސީލަތްތައް ތަރައްޤީކުރެވި އެތަސައްވުރުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ތިނަދޫގެ އިގްތިސޯދަށް އަލިއަޅުއްވާލައްވަމުން އަޖީބް ވިދާޅުވީ މީގެ ކުރީން ތިނަދޫއަކީ ވިޔަފާރީގެ ގޮތުން ވަރަށް ކުރިއަރާފައިވާ ރަށެއްކަމަށާއި އެހެންނަމަވެސް އެމަންޒަރު މިހާރު ބަދަލުވެފައިވީ ނަމަވެސް އޭނާގެ މޭޔަރޝިޕެއްގައި ތިނަދޫއަކީ އަލުން ސަރަހައްދީ ވިޔަފާރީގެ ހަބަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ކައުންސިލުން ދޭހިދުމަތްތައް ސްޕީޑު ލަސްވުމަކީ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާއެއްކަން ފާހަގަކުރައްވައި އަޖީބް ވަނީ އޭނާގެ މޭޔަރޝިޕެއްގައި ތިނަދޫ ކައުންސިލަކީ ޕޭޕާލެސް ކައުންސިލެއްގެ ގޮތުގައި ބަދަލުކޮށް މުޅީން ޑިޖިޓަލައިޒްވެފައިވާ ކައުންސިލަކަށް ބަދަލުކުރައްވާނެކަންވެސް އިއުލާނުކުރައްވާފައި އެވެ. އެގޮތުން ޒަމާނާއި އެއްގޮތަށް ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމުން ހިދުމަތްތަކުގެ ސްޕީޑު އެތައް ގުނައެއް އަވަސްކުރެވި ސީދާ ގޮތުން ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެކަން އަޖީބް ފާހަގަކުރެއްވި އެވެ.
ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާކަން މިހާތަނަށް ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ޕީއެންސީގެ ފަރާތުން އަޖީބު އާއި އެމްޑީޕީގެ ފަރާތުން މިހާރުވެސް އެސިޓީގެ މޭޔަރުކަން ކުރައްވާ ސައުދު އަލީ އެވެ.
ގުޅުންހުރި

ރައްޔިތުންގެ ޖީބަށް ލާރި ވަންނާނެ ގޮތް ހޯދާދޭންޖެހޭނީ ކައުންސިލުން، މޭޔަރަކަށް މި ނުކުތީ އެކަން ކުރަން - އަޖީބު
އިބްރާހިމް ޝަރީފް؛ ތިނަދޫ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއްނެތި ކުރިއަށް!

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ތިނަދޫ ސިޓީގައި ފެށިގެން ކުރިޔަށް!





