
ސްޓެލްކޯގެ ބޮޑު މަސައްކަތެއް މާދަމާ: ހެނދުނު ކަރަންޓު ކެނޑިދާނެ، އެކަމަކު ކަރަންޓު ކެނޑުމުގެ ކުރީން އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ!
# ސްޓެލްކޯ-
ސްޓެލްކޯއިން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ބޮޑު މަސައްކަތެއް މާދަމާ ހެނދުނަށް ތާވަލުކޮށްފި އެވެ.

ސްޓެލްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް، މާދަމާ ހެނދުނު 06:00 ން 10:00 ށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށާއި މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.
އެހެންނަމަވެސް، ޚިދުމަތް މެދުކެނޑޭ ސަރަޙައްދުތަކުގައި ހިމެނޭ ހޮސްޕިޓަލްތަކާއި، އަދި އެހެނިހެން މުހިންމު ޚިދުމަތްތައްދޭ މުއައްސަސާތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) އަށް ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ކުންުފނީގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ޚިދުމަތް ގެނައުން ކަމަށެވެ. އަދި މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝަރއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ބަޔާން ނިންމާލަމުން އެކުންފުނީން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އިޚްލާސްތެރިކަމާއެކު މަޢާފަށް އެދޭކަން ހާމަކޮށްފައެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް!

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވައިގެން ކުރިޔަށްގެންދިޔަ މެއިންޓެނެންސް ނިންމާލީ ލަފާކުރި ވަގުތައްވުރެ މާކުރީން: އެމްޑީގެ ތައުރީފު މުވައްޒަފުންނަށް!

ސްޓެލްކޯގެ ބޮޑު މަސައްކަތެއް މާދަމާ: ހެނދުނު ކަރަންޓު ކެނޑިދާނެ، އެކަމަކު ކަރަންޓު ކެނޑުމުގެ ކުރީން އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ!
