logoEN
Sto top
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި މީޑިއާ ކައުންސިލުންވެސް ދެކޮޅު: ބިލު ބަލައިނުގަތުމަށް މަޖިލީހުގެ ޕީޖީ ގްރޫޕުތަކުގައި އެދެނީ!

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި މީޑިއާ ކައުންސިލުންވެސް ދެކޮޅު: ބިލު ބަލައިނުގަތުމަށް މަޖިލީހުގެ ޕީޖީ ގްރޫޕުތަކުގައި އެދެނީ!

އަހުމަދު ޝުރާއު

logo

8/21/2025, 8:38:20 AM

# މޯލްޑިވްސް މީޑިއާ ކައުންސިލް

-

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިނުގަތުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

Wamco

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް ހަންނާން އަބޫބަކުރު، 17 އޮގަސްޓު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ބޭއްވި ޖަލްސާ (28-MMC/C8-2025) ގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.

އިއްޔެ އޮތް މި ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ކައުންސިލް މެންބަރުން ވަނީ ފާޅުކޮށްފައެވެ. މުޅި ކައުންސިލުގެ ރޫހުވެސް ހުރީ މި ބިލާ ދެކޮޅަށެވެ.

މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބިލު މިހާރު ފަރުމާކޮށްފައިވަނީ، ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ޙައްގާއި އެއާ ގުޅިފައިވާ އެހެނިހެން ޙައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށެވެ. އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން ފާހަގަކުރެވެއެވެ.

އާ ބިލު ފަރުމާކޮށްފައި އޮތީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އާ ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ޙައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ޙައްގުތައް މަސްހުނިވެ، ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ޙައްގުތަކަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިޢާޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް މި ކައުންސިލުން ދެކެމެވެ.

އެ ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ކައުންސިލުގެ 14 މެންބަރުން ބައިވެރިވަޑައިގެންނެވި، ކައުންސިލްގެ ޖަލްސާ (28-MMC/C8-2025) ގައި ބައެއް ނިންމުންތައް ނިންމާފައިވެއެވެ. އޭގެ ތެރޭގައި:

  1. އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާވެސް މަޝްވާރާނުކޮށް މަޖިލީހަށް ވައްދާފައިވާ މި ބިލަށް އިތުރު ޚިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުމަށް.
  2. މި ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކާއެކީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުމަށް، މި ވޯކިން ގުރޫޕް ގައި މެންބަރ ޙައްވާ ވަޖުދާ، މެންބަރ ފާތިމަތު ނަހުދާ ފާއިޒު، މެންބަރ ނަޖާޙް މަސްޢޫދް، މެންބަރ މުޙައްމަދު މުޒައްޔިނު ނާޒިމް، މެންބަރ ލީވާން ޢަލީ ނާޞިރު، އަދި މެންބަރ ފާތިމަތު ޝަނާ މުޙައްމަދު ހިމެނުނު.
  3. ބިލުގައި ހުރި ކަންބޮޑުވުންތައް ޙިއްސާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުމަށް.
  4. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލް" އަށް މި ކައުންސިލުން އިތުރު ޚިޔާލުތަކެއް ހުށަނާޅާނެކަމަށާއި މި ބިލު ބަލައިނުގަތުމަށް ދެންނެވުމަށް ނިންމިކަން ބަޔާންކޮށް ދިވެހި އަދި އިނގިރޭސި ބަހުން ބަޔާން ނެރުމަށް.
  5. ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އަދި މިނިވަން ނޫސްވެރިކަމެއްގެ މުހިންމުކަމާއި ގުޅޭ ޕޯސްޓުތައް ތައްޔާރުކޮށް މިކައުންސިލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް.
  6. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލް" ބަލައި ނުގަތުމަށް ޕީޖީ ގުރޫޕްތަކަށް ލިޔުމުން ދެންނެވުމަށް.

އެމްއެމްސީއިން ވަނީ ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ޤާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި ނެގެހެއްޓުމަށް މި ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރާކަން ފާހަގަކުރައްވައި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށްވެސް ދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC