
-
ކުރިއަށް އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ, މީޑިއާ ކައުންސިލަށް 10 މެންބަރުން އިންތިހާބުކުރަން ބޭނުންވާ ކަމަށެވެ. އެއީ އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުންނެވެ.
މީޑިއާ ކައުންސިލަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެދި ހުށަހަަޅާ ފޯމު އެ އިއުލާނުގައި ހިމަނާފައިވެއެވެ. އަދި ވޯޓުލުމަށް އެދޭ ފޯމް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 1:30 އަށް ކަމަށް ޔޫތް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.
މި ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ, ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮނޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 10 މެންބަރުންގެ މުއްދަތު ހަމަވާނީ ޑިސެންބަރު 14، 2024 ގައެވެ.