
-
މާލޭ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުން މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވެއެވެ.
އަދި ހެޔޮ އަގުގައި އޮޑިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމްވެސް އެމްޕީއެލްއިން ދަނީ ހަމަޖައްސަމުންނެވެ. ފެނާއި، ކަރަންޓާއި، ތެލާއި އައިސް ނޯތު ހާބަރުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ބުނެފައި އެވެ.
އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، އެމް.ޕީ.އެލްއިން އަގުހެޔޮ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް އައިސް ފޯރުކޮށްދެވޭނެ ލުއިފަސޭހަ އިންތިޒާޒު ހަމަޖައްސަމުން ދާ ކަމަށާއި އެގޮތުން އައިސްޕްލާންޓެއް ނުވަތަ އައިސްލިބޭނެގޮތް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
ތެލުގެ ޚިދުމަތްވެސް ވިޔަފާރީގެ އުސޫލަކަށްވުރެ ބޮޑަށް އެތަނުގެ އުޅަނދުފަހަރު ގާތްގަނޑަކަށް މަހަކު މަސްވެރިން ނުލާ 125 އުޅަނދު ދަތުރުރަމުންދާތަނެއްވީމަ އެތަނުން އެ ޚިދުމަތްވެސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ވިޔަފާރި އުސޫލަކުން ނޫން އެންމެ މިނިމަމް ރޭޓެއްގައި ހިދުމަތް ދޭން ތައްޔާރުވަމުންދާކަމަށެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން މި ޚިދުމަތްތައް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ލަފާކުރެވެއެވެ.