
-
ނޯތު ހާބަރއިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން މާލޭގެ އެފަދަ ބަނދަރުތަކުން އިތުރު ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

އެމްޕީއެލުން މިފަދައިން ހާމަކޮށްފައިވަނީ މާލޭ އުތުރު ބަނދަރުން ފެށިގެން މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކުރުމާއިއެކު އެތަނަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނެގުމަށް ނިންމާފައިވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށެވެ.
މިކަމާއި ގުޅޭގޮތުން އެމްޕީއެލްއިން މިއަދު ބުނީ މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ޚާއްސަކޮށް E ޒޯން އަދި F ޒޯން (މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދު) ކަނޑައަޅާފައިވާކަމަށެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނަގާ ގޮތަށް ހަމަޖައްސާފަނުވާކަމަށާއި އެހެންނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައި އެވެ.
އެގޮތުން އެ ސަރަހައްދުގެ "އޭ" ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގާނެ ކަމަށާއި "ބީ" ޒޯނުން އަދި "ސީ" ޒޯނުންވެސް އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެކަމަށް އެމްޕީއެލުން ހާމަކުރެއެވެ.
މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަން ފާހަގަކޮށް އެމްޕީއެލުން ބުނީ މިގޮތުން 25 އުޅަނދު ވެއިޓިންގައި ބާއްވާފައި، މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދެވޭނެކަމަށެވެ. އަދި މަސްވެރިކަން ކުރާ އުޅަނދަށް 20 ޖާގަ އޮންނާނެކަމަށާއި މަސްބާނައިގެން އައިސް މަސް ބާލާފައި ނިކުމެވޭ ގޮތަށް ހުރަސް ތޮށި ހުޅުވާލާފައި އޮންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައި އެވެ.