
-
މާލެ ސިޓީގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފާއިތުވި ހަ މަސް ދުވަހު، 4500 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް، ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ކަމާ ގުޅޭ ގޮތުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ އޮންނަނީ އަބަދު ވެސް ވަރަށް ހޫނުކޮށް ކަމަށާއި މި ކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. މި ގޮތަށް، މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގު ތަކުގައި ހިނގާބިގާވެ އުޅޭ މީހުންނަށް، ދުރުފެންނަން ފަސޭހަވާނެއެވެ. އަދި އެ ކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބި، ގަސްތައް ފެނުމުން އުފާވެރިކަން އިތުރުވާ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި 6 މަސް ދުވަހު މާލެ ސިޓީގައި އިންދާފައިވާ 4500 ގަހުގެ ތެރެއިން، ގިނަ ގަސް ތަކަކީ ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ މަސައްކަތުން، ގަސް ކާނާ އަމިއްލަޔަށް ތައްޔާރުކޮށް، މުޑުވައްކޮށްފައިވާ ގަސް ތައް ކަމަށެވެ.
އެ ގޮތުން ފާއިތުވި ހަ މަސް ދުވަހު، މާލޭގައި 3502 ގަސް އިންދާފައިވާއިރު، ވިލި މާލޭގައި 184 ގަސް އިންދާފައިވެއެވެ. އަދި ހުޅުމާލޭގައި 814 ގަސް އިންދާފައި ވެއެވެ. ފާއިތުވި 6 މަސް ދުވަހު، އިންދާފައިވާ ގަސްތަކުގެ ތަފާސް ހިސާބުތަކާ ގުޅޭ ރިޕޯޓް މި ހާރު ވަނީ ކައުންސިލްގެ ރަސްމީ ވެބްސައިޓުގައި މިއަދު ޝާއިރު ކޮށްފައެވެ.
ކައުންސިލުން އިންދާފައިވާ، ގަސްތަކުގެ ތެރޭގައި ހިމެނެނީ، މާ ގަހާއި، ބަޤީޗާ ގަހާއި ހިޔާދޭ އަދި މޭވާ އަޅާ ގަހެވެ. މީގެ އިތުރުން ދިވެހި ރުކާއި ކަދުރު ރުއް ވެސް އިންދައިފައިވެއެވެ.
މާލެއަށް މިހާ ބޮޑު ބަދަލުތަކެއް މިގެންނަނީ، މާލޭގައި ދިރި އުޅޭ ރައްޔިތުންނަށް، ހިތްހަމަޖެހޭ އުފާވެރި މާހައުލެއް ޤާއިމް ކުރުމުގެ ހެޔޮނިޔަތުގައި ކަމަށާއި، މި މަސައްކަތް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް، މޭޔަރ ޢާޒިމްގެ އަމިއްލަފުޅު ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ވިދާޅުވެފައެވެ.