
-
ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ހުންނަ، (ތައިސޭކޮށީ)ގެ ގޯތި ތެރޭގައި، ދާދި ފަހުން ސާފުކޮށްފައިވާ ސަރަހައްދު، މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.

އެ ސަރަހައްދު މިއުޒިކް އާޓިސްޓުންނަށް، ކުއްޔަށް ދޫކުރުމަށް ނިންމީ، ބުދަ ދުވަހު އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 204 ވަނަ ޢާންމު ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވެގެންނެވެ.
ޒުވާނުންގެ ކަންކަމަށް، ތައިސޭކޮށި ދޫކުރުމަށް، ބުދަ ދުވަހު އޮތް ޖަލްސާއަށް ހުށަހެޅުއްވީ މޭޔަރ އާދަމް ޢާޒިމެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މިއުޒިކް އާޓިސްޓުންނަށް، އެ މީހުންގެ ހުނަރުތައް ދައްކާލެވެން ނޯންނަ ކަމަށާއި، އެ ކަމުގެ ކަންބޮޑުވުން، މިއުޒިކް އާޓިސްޓުން ފާޅުކުރަމުންގެންދާ ކަމަށެވެ. ތައިސޭ ކޮށި ކުއްޔަށް ދީގެން، އެ ޒުވާނުންނަށް ޝޯ ފަދަ އިވެންޓްތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ޢާޒިމް ފާހަގަކުރެއްވިއެވެ.
ތައިސޭކޮށި ކުއްޔަށް ދޫކުރަނީ މާލެ ސިޓީ ކައުންސިލްގެ ސީއެސްއާރުގެ ދަށުންނެވެ. އެ ގޮތުން އެ ތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ، ޓިކެޓުންލިބޭ ޢާމްދަނީން ކައުންސިލަށް ބައެއް ލިބޭ ގޮތަށް ހެދުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފު ފާތިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް، މޭޔަރު ޢާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.
ތައިސޭކޮށީގެ ގޯތި ތެރޭގައި، މާލެ ސިޓީ ކައުންސިލްގެ ގިނަ އޮފީސްތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. މިހާރު މަސައްކަތް ފެށިގެން ކުރިޔަށްދާ، މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އަޅަނީ ވެސް، ތައިސޭ ކޮށީގެ އިރުމަތި ފަރާތުގައިވާ ހުސް ބިމުގައެވެ.