
-
މާލެ ސިޓީއަށް ދިމާވެފައިވާ ވެހިކަލް ޕާކިން މައްސަލަ ހައްލުކުރުމަށް، މާލޭގެ އުތުރު ފަރާތުގައި ޕާކިން އިމާރާތެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ޕާކިން އިމާރާތް ތަރައްޤީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، މިކަމާ ގުޅޭ މައުލުމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 13:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ. މި މަސައްކަތާ ގުޅޭ އެހެނިހެން ޑޮކިއުމެންޓްތަކާއި ސްޕެސިފިކޭޝަންސް މަޢުލޫމާތުތައް މި ބައްދަލުވުމުގައި ދިނުމަށް ހަމަޖެހިފައެވެ.
މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
މާލޭގައި ވެހިކަލް ޕާކިންގް އިމާރާތެއް ތަރައްޤީ ކުރުމާއި މާލޭގެ ޕާކިންތައް އިތުރު ކުރުމަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިހާރު ވެސް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގް ޒޯންތައް ތަރައްޤީ ކުރަމުންނެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ އުތުރު ފަރާތުގައި ޕާކިން އިމާރާތް ތަރައްގީކޮށް ނިމުމުން އެ އިމާރާތުގައި 300 ކާރު އެއްފަހަރާ ޕާކް ކުރުމުގެ ޖާގަ ލިބިގެންދާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރު ކަމާ، ޢާޒިމް ހަވާލުވިފަހުން މާލޭގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތައް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.