logoEN
Sto top
ޔައިލްގެ ހަތަރު ލަނޑާއެކު ފިޔޯރީ ބަލިކޮށް ތިނަދޫ ސިޓީ ގުރޫޕްގެ އެއްވަނައަށް

ޔައިލްގެ ހަތަރު ލަނޑާއެކު ފިޔޯރީ ބަލިކޮށް ތިނަދޫ ސިޓީ ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

7/28/2025, 1:15:39 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

ފިޔޯރީ އާއި ތިނަދޫ ސިޓީ ވާދަކުރި މެޗުގެ ތެރެއިން .. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ތިނަދޫ ސިޓީއާއި ފިޔޯރީ ވާދަކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިނަދޫ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގައި ތިނަދޫ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ އަތުން މޮޅުވެފައިވާއިރު، ފިޔޯރީގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ރަތަފަންދޫ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ތިނަދޫ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ތިނަދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ތިނަދޫ ޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިޔޯރީ ޓީމުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ތިނަދޫ ޓީމުގެ އިސްމާއިލް ޔައިލް ނަވާޒް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިބްރާހިމް ލަސަން އަލީ އަދި އިބްރާހިމް މަންހާލް މަހުމޫދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ފިޔޯރީގެ ދެލަނޑު ވެސް އެޓީމުގެ އަހުމަދު ނާހީ ނަޖުމީ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިނަދޫ ސިޓީގެ އިސްމާއިލް ޔައިލް ނަވާޒް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ތިނަދޫ ސިޓީ އޮތްއިރު، މިމެޗުން ބަލިވި ފިޔޯރީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC