logoEN
Sto top
ނާހިލުގެ ހެޓްރިކާއެކު ވާދޫ އަތުން ހޯޑެއްދުއަށް ފަސޭހަ މޮޅެއް

ނާހިލުގެ ހެޓްރިކާއެކު ވާދޫ އަތުން ހޯޑެއްދުއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

7/27/2025, 12:15:26 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

ހޯޑެއްދު އާއި ވާދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޯޑެއްދު އާއި ވާދޫ ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޯޑެއްދޫ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

Wamco

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ހޯޑެއްދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ހޯޑެއްދޫގެ އަހުމަދު ނާހިލު އަލީ ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކްހެދިއިރު، އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް އަރުޝައިން ގުރައިޝް އެވެ. މީގެ އިތުރުން މިމެޗުގައި ވާދޫގެ ހަމައެކަނި ލަނޑު އެޓީމުގެ ލީމާން އިބްރާހިމް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯޑެއްދޫގެ އަހުމަދު ނާހިލު އަލީ އެވެ.

26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC