ވާދަވެރި ކުޅުމަކަށްފަހު މަޑަވެލި ބަލިކޮށް ހޯޑެއްދޫ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025ހޯޑެއްދު އާއި މަޑަވެލި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ހޯޑެއްދުއާއި އާއި މަޑަވެލި ކުޅުނު މެޗު ވާދަވެރި ކުޅަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔަބުކޮށް ހޯޑެއްދޫ އިން ބާކީ އެއްމެޗު އޮއްވައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި މަޑަވެލި ކުޅުނު ފުރަތަމަ މެޗުގައި 7-1 ގެ ނަތީޖާއަކުން ފަރަސްމާތޮޑާ އަތުން ބަލިވެފައިވާއިރު، ހޯޑެއްދޫގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 5-1 ގެ ނަތީޖާއަކުން ވާދޫ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މަޑަވެލިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަކްމަލް އަހުމަދު އެވެ.
ހޯޑެއްދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް ނަވޫޝް ރަޝީދު އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ހޯޑެއްދޫ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އިސްމާއިލް އަރުޝައިން ގުރައިޝް ކާމިޔާބުކުކުރިއިރު، އޭގެ ދެމިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ކަރަމް ނަސީމް އެވެ.
މަޑަވެލިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަލް ޔަސައު އަހުމަދު އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ހޯޑެއްދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯޑެއްދޫގެ ކެޕްޓަން އިސްމާއިލް އަރުޝައިން ގުރައިޝް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ހޯޑެއްދޫ އިން ބާކީ އެއްމެޗު އޮއްވައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިމެޗުން ބަލިވި މަޑަވެލި ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ ބަލިކޮށް ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ޔައިލްގެ ފަސްލަނޑާއެކު ރަތަފަންދޫ ބަލިކޮށް ތިނަދޫ ސިޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
