ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ ބަލިކޮށް ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025ފިޔޯރީ އާއި ނަޑެއްލާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ފިޔޯރީ އާއި ނަޑެއްލާ ކުޅުނު މެޗު ފަސޭހަކަމާއެކު 9-0 ގެ ނަތީޖާއަކުން މޮޅުވެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ނަޑެއްލާ ކުޅުނު ފުރަތަމަ މެޗުގައި 9-0 ގެ ނަތީޖާއަކުން ތިނަދޫ ސިޓީ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ރަތަފަންދޫ އަތުން އެޓީމު ބަލިވީ 3-2 ގެނަތީޖާއަކުންނެވެ. އަދި ފިޔޯރީގެ ފުރަތަމަ މެޗުގައި ރަތަފަންދޫ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ތިނަދޫ ސިޓީ އަތުން 6-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ފިޔޯރީ އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންފިޔައީ 6-0 ގެ ނަތީޖާއަކުން ފިޔޯރީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފިޔޯރީ އިން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ފިއޯރީގެ އަހުމަދު ނާހީ ނަޖުމީ ފަސްލަނޑު ކާމިޔާބުކުރިއިރު، އަހުމަދު ސާދު ސަހުމަތު، ޔޫސުފް ލާއިގް އިބްރާހިމް، އިސްމާއިލް އިޒްޔާން އާތިފް އަދި އާލީ އަލާއު މުއްތަލިބު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގަައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިއޯރީގެ އަހުމަދު ނާހީ ނަޖުމީ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފިޔޯރީ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ނަޑެއްލާ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
ވާދޫ ބަލިކޮށް މަޑަވެލިން މުބާރާތް ނިންމާލީ މޮޅަކާއެކު
ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ ބަލިކޮށް ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ޔައިލްގެ ފަސްލަނޑާއެކު ރަތަފަންދޫ ބަލިކޮށް ތިނަދޫ ސިޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
