ޔައިލްގެ ފަސްލަނޑާއެކު ރަތަފަންދޫ ބަލިކޮށް ތިނަދޫ ސިޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025-
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ރަތަފަންދު އާއި ތިނަދޫ ސިޓީ ވާދަކުރި މެޗު 9-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިނަދޫ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި އެވެ.

މުބާރާތުގައި ތިނަދޫ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި 9-0 ގެ ނަތީޖާއަކުން ނަޑެއްލާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ފިޔޯރީ އަތުން ތިނަދޫ ސިޓީ މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ. އަދި ރަތަފަންދޫގެ ފުރަތަމަ މެޗުގައި ފިޔޯރީ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ނަޑެއްލާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ތިނަދޫ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ތިނަދޫ ސިޓީ ކުރީގަައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ތިނަދޫ ޓީމުން އިތުރު ހަލަނޑު ކާމިޔާބުކުރިއިރު މިހާފުގައި ރަތަފަންދޫ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ތިނަދޫ ޓީމުގެ އިސްމާއިލް ޔައިލް ނަވާޒް ފަސް ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ އިބްރާހިމް ލަސަން އަލީ, ހަސަން އަބްސަލް އިބްރާހިމް, އަލީ ފައިޒަން ޖިހާމް އަދި އަހުމަދު މާހިން އަރީޝް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ރަތަފަންދޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުނެއިޝް ރަޝީދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގަައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ތިނަދޫ ސިޓީ ސެމީފައިނަލުން ޖާގަހޯދިއިރު. މިމެޗުން ބަލިވި ރަތަފަންދޫ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ހޯދި ތިންޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.
26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
ވާދޫ ބަލިކޮށް މަޑަވެލިން މުބާރާތް ނިންމާލީ މޮޅަކާއެކު
ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ ބަލިކޮށް ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ޔައިލްގެ ފަސްލަނޑާއެކު ރަތަފަންދޫ ބަލިކޮށް ތިނަދޫ ސިޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
