
-
ގަލޮޅު ސިޓީ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޭޔަރ އާދަމް ޢާޒިމް ބައްލަވާލައްވައިފި އެވެ.

މި ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް އެކެއްގެ މަސައްކަތް ނިމިފައި ވާއިރު، މިހާރު ކުރިއަށް ދަނީ ފޭސް 2 ގެ މަސައްކަތެކެވެ. އެ ގޮތުން، ފޭސް ދޭއްގެ މަސައްކަތްތަކުގެ ތެރެއިން ބާސްކެޓް ކޯޓާއި ބެޑްމިންޓަން ކޯޓުގެ ތަޅުން އަޅައި މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިޔަށް ދަނީ، ލޭންޑް ސްކޭޕްގެ މަސައްކަތްތަކާއި ކަރަންޓްގެ މަސައްކަތްތަކެވެ.
ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން އަންނަނީ، މި ޕާކުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަށް، މަސައްކަތް ކުރަމުންނެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދަނީ، ގަލޮޅު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކުއެވެ. މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކު ނިމޭއިރު މި ޕާކުގައި، އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް މޭޔަރ ޢާޒިމް ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރައްވާ މަސައްކަތެކެވެ.