ކާވާ ޗެންޕިއަންސް ލީގު 2025: ޑީއެސްސީ އަތުން ކަޒަކިސްތާނުގެ ޒައިކް ވީސީއަށް ފަސޭހަ މޮޅެ
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025ޑިއެސްސީ އާއި ޒައިކް ވާދަކުރި މެޗުގެ ތެރެއިން ފޮޓޯ: ގާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގެ މިއަދު ހަވީރު ރާއްޖޭގެ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން، ޒައިކް ވޮލީ ކުލަބުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ޑީއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޒައިކްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 17-25 ގެ ނަތީޖާއަކުން ޒައިކްގެ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ޒައިކުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ޒައިކުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ކިރްގިސްތާނުގެ ބިޝްކެކް ވެސް ވަނީ އެޓީމު ކުޅުނު ފުރަތަމަ ދެމެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. އަދި މިމެޗުން ބަލިވި ރާއްޖޭގެ ޗެންޕިއަން ޑީއެސްސީއަށް ކުޅުނު ދެމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު 2025: ޑީއެސްސީ އަތުން ކަޒަކިސްތާނުގެ ޒައިކް ވީސީއަށް ފަސޭހަ މޮޅެ
ކާވާ ޗެންޕިއަންސް ލީގު 2025: ލާންކާގެ ޕޯޓްސް ބަލިކޮށް ބިޝްކެކް އެއްވަނައަށް
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް
