
ކާވާ ޗެންޕިއަންސް ލީގު 2025: ވާދަވެރި ކުޅުމަކަށްފަހު ކިރްގިސްތާނުގެ ބިޝްކެކް އަތުން އެޗްޑީސީ ބަލިވެއްޖެ
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025ކިރްގިސްތާނުގެ ބިޝްކެކް އާއި އެޗްޑީސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ:ޔަކޭ
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގެ ދެވަނަ މެޗުގައި ރާއްޖޭގެ ހައުސިން ޑިވޮލަޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ) އާއި ކިރްގިސްތާނުގެ ބިޝްކެކް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ބިޝްކެކް އިން ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ބޮޑު ލީޑަކާއެކު ބިޝްކެކް އިން ސެޓް ޑޮމިނެޓްކުރިއިރު، ސެޓުގެ ފަހުކޮޅު އެޗްޑީސީ އިން ވަނީ ފަހަތުން އަރައި 24-24 އިން އެއްވަރުކުރިއެވެ. އަދި ފަހުވަގުތު ބިޝްކެކް އިން ސެޓް ކާމިޔާބުކުރީ 27-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ބިޝްކެކް އިން ކާމިޔާބުކުރީ 24-26 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓް ދެބައިވިއިރު ލީޑުކުރަމުން ދިޔައީ އެޗްޑީސީ އިންނެވެ.
ނަމަވެސް ސެޓުގެ ފަހުކޮޅު ބިޝްކެކް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު 2025: ޑީއެސްސީ އަތުން ކަޒަކިސްތާނުގެ ޒައިކް ވީސީއަށް ފަސޭހަ މޮޅެ
ކާވާ ޗެންޕިއަންސް ލީގު 2025: ލާންކާގެ ޕޯޓްސް ބަލިކޮށް ބިޝްކެކް އެއްވަނައަށް
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް
