ކާވާ ޗެންޕިއަންސް ލީގު 2025: ލާންކާގެ ޕޯޓްސް ބަލިކޮށް ބިޝްކެކް އެއްވަނައަށް
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025ލަންކާ ޕޯޓްސް އާއި ކިރްގިސްތާނުގެ ބިޝްކެކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގެ މިއަދު މެންދުރު ކުޅުނު މެޗުގައި ލަންކާގެ ޕޯޓްސް އާއި ކިރްގިސްތާނުގެ ބިޝްކެކް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބިޝްކެކް އިން ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

މުބާރާތުގައި ލަންކާ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާންގެ ޒައިކް ވީސީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ބިޝްކެކްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ރާއްޖޭގެ އެޗްޑީސީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ބިޝްކެކް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ލާންކާ ޓީމުން ކުޅުން ރަނގަޅުކުރިއިރު، އެޓީމުން މި ސެޓް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ޖެހިގެންއައި ހަތަރުވަނަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބިޝްކެކް އިން ވަނީ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބިޝްކެކް އޮތްއިރު، މިމެޗުން ބަލިވި ލަންކާ ޕޯޓްސް ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ލީގުތާވަލުގެ ފުލުގައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު 2025: ޑީއެސްސީ އަތުން ކަޒަކިސްތާނުގެ ޒައިކް ވީސީއަށް ފަސޭހަ މޮޅެ
ކާވާ ޗެންޕިއަންސް ލީގު 2025: ލާންކާގެ ޕޯޓްސް ބަލިކޮށް ބިޝްކެކް އެއްވަނައަށް
ކާވާ ޗެންޕިއަންސް ލީގު: ޑީއެސްސީ އަތުން ހެލްޕް ނޭޕާލް އެސްސީއަށް އުނދަގޫ މޮޅެއް
