
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ވީ.އެލް.އާރުގެ ފަހު ބައްދަލުވުން ކުރިއަށް ގެންގޮސްފި
# މާލެ ސިޓީ ކައުންސިލް--
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ލޯކަލް ގަވަރމަންޓް، ލާމަރުކަޒީ ކުރުމުގެ އުސޫލުން ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީ.އެލް.އާރު) ޕްރޮގްރާމްގެ ފަހު ބައްދަލުވުން ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު މެންހަޓަން ބިޒްނަސް ހޮޓަލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ބައެއް އިސްވެރިންނާއި ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން، މަދަނީ ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފަންނީ އަދި ތައުލީމީ މާހިރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސް.ޑީޖީސް) ހާސިލްކުރުމަށް، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ލޯކަލް ގަވަމެންޓްސް ފޯ ސަސްޓެއިނަބިލިޓީ (އައި.ސީ.އެލް.އީ.އަސި) އާއި ޔުނައިޓެޑް ނޭޝަންސް އެކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔުނެސްކެޕް) އާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހޯދި ބައެއް ހޯދުންތަކުން ހާމަވީ، މާލޭ ސިޓީގައި ފަގީރުހާލުގައި ދިރިއުޅެނީ، އަންހެނުން ލީޑުކުރާ ގޭގޭގައި ކަމަށެވެ. އަދި ފަގީރު ހާލުގައި އުޅޭ ގޭ ބިސީތަކުގެތެރެއިން ގިނައިންހުރި، ނުވަ މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގޭގޭގައިކަންވަނީ ހޯދިފައެވެ.
މިއީ ރާއްޖޭގެ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު) ހެދުމުގެ މަޤްޞަދުގައި، މާލެ ސިޓީ ކައުންސިލުން ބޭއްވި ފުރަތަމަ ވާރކްޝޮޕެކެވެ.
މި ވާރކްޝޮޕްގެ ސަބަބުން، އެސްޑީޖީތައް ޙާޞިލުކުރުމަށް ހުރި ހުރަސްތައް ދެނެގަނެވި، މާލޭގެ އެސްޑީޖީތަކަށް ޙިއްޞާކުރެވޭ މިންވަރު އިތުރުކުރެވިދާނެ އިދާރީ، އިންފްރާސްޓްރަކްޗަރ އަދި ދިރިއުޅުމާ ގުޅޭ ކަންކަމާ ބެހޭގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާ ކަން ފާހަގަ ކުރެވެ.
މީގެ ތެރޭގައި ކުނި މެނޭޖްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، ފެން އިސްރާފުކުރުން މަދުކުރުމާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެހީތެރިވެދިނުމުގެ މަޝްރޫޢުތަކަކީ، މާލޭގެ އެސްޑީޖީ ކުރިއެރުމަށް ޙިއްޞާކުރެވިދާނެ ކަންކަން ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި، މީގެ އިތުރުން، މި ސެޝަން ތަކުން ވީއެލްއާރު ރިޕޯޓުގައި ހިމެނުމަށް ބިނާކުރަނިވި ގިނަ ޚިޔާލުތަކެއް ލިބިގެންދިޔައެވެ.
މާލޭގައި ވީ.އެލް.އާރް ގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ 2030 ވަނަ އަހަރުގެ އެޖެންޑާ ރާއްޖޭގައި ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.