
5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް ޚާއްސަ ނާރސަރީއެއް ޤާއިމުކުރުމަށް ސޮއިކޮށްފި
# 5 މިލިއަން ގަސް މަޝްރޫއު-
ސަރުކާރުން އިސްނަންގަވައިގެން ކުރިޔަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ގަސްގަހާގެހި ބެލެހެއްޓުމަށް ޚާއްސަ ނަރުސަރީއެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އެޗްޑީސީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ މައުރޫފު ޖަމީލް އެވެ. މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ ގަސްތައް އުފެއްދުމާއި ބެލެހެއްޓުމަށްޓަކައި ޒަމާނީ ނާރސަރީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުން ކަމަށެވެ.
ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް މި ނާރސަރީގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.ސަބަބަކީ ގަސްގަހާގެހި ގިނަވެ، ރާއްޖޭގެ ރީތިކަން އިތުރުވުމަކީ ފަތުރުވެރިންނަށް ލިބިގެންދާނެ އިތުރު ބޮޑު ފައިދާއެއް ކަމަށްވާތީއެވެ.
މި ނާރސަރީ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، މަޝްރޫޢުގެ ދަށުން އިންދުމަށް ބޭނުންވާ ގަސްތަކުގެ މިންވަރު އިތުރުކުރުމަށް މިކަން އެހީއަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.