
ނަޑެއްލާ ރައްޔިތުންގެ ޒަމާންވީ ބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބެނީ: އައު ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި
# ގދ.ނަޑެއްލާ-
ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއިއެވެ.
އެގޮތުން މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ.
މި މަޝްރޫއު ސަރުކާރުން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 78،653،152.46 ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 450 ދުވަހެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމުގެ މަސައްކަތް، 19،600 ކޮޑި މީޓަރު ވެލި އައު ނެރުން އިން ކޮނުމުގެ މަސައްކަތް 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމުގެ މަސައްކަތް، 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ މަސައްކަތް، 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމުގެ މަސައްކަތް، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ،105 މީޓަރުގެ ނެރުފައިކަށި ޖެހުމުގެ މަސައްކަތް ، 244.7 މީޓަރުގެ ބޭރުތޮށި ޖެހުމުގެ މަސައްކަތް ، 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުމުގެ މަސައްކަތް ،ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ،534 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުމުގެ މަސައްކަތް ، 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތް ، 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުމުގެ މަސައްކަތް، 6 ނެރު ބައްތި ޖެހުމުގެ މަސައްކަތް 18 ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް އަދި 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ނަޑެއްލާގައި އައު ބަނދަރެއް ހެދުމުގެ މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ބަނދަރުގެ މައްސަލައަކީ ނަޑެއްލާއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެކެވެ.
ގުޅުންހުރި

ނަޑެއްލާ ރައްޔިތުންގެ ޒަމާންވީ ބޮޑު ކަންބޮޑުވުމަކަށް ހައްލު ލިބެނީ: އައު ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

ނަޑެއްލާ އައު ބަނދަރު މަޝްރޫއުއަށް ކޮންޓްރެކްޓަރެއް ހޯދަނީ
