
--
ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހދ އަތޮޅަށް ވަޑައިގެންފި އެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް އެޕާޓީއިން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގައި އެވެ. އެގޮތުން އެމްޑީޕީގެ މި ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރަށު ބަންޑާރަ މައިދާނުގައި ހުކުރު ދުވަހުގެ ރެއެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް ސޯލިހު ނިންމަވާފައިވާކަމުގެ ރިޕޯޓުތަކެއް މިދިޔަ ހަފްތާގައި އާންމުވެފައިވާއިރު ޖަލްސާގައި ސޯލިހް ބައިވެރިވެވަޑައިގަންނަވާނެކަން އެމްޑީޕީއިން މިއަދު ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެގޮތުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް ރޭ ވަނީ ހދ އަތޮޅަށް ވަޑައިގެންފައި އެވެ. ހދ އަތޮޅުގެ ހަނިމާދޫއަށް ސޯލިހް ރޭ ވަޑައިގެންނެވުމުން އެރަށުގެ އެމްޑީޕީ މެމްބަރުންވަނީ އެމަނިކުފާނަށް ހަނިމާދޫ އެއާޕޯޓު ސަރަހައްދުން މަރުހަބާ ދަންނަވާފައި އެވެ.
ރައީސް ސޯލިހްގެ މިދަތުރުފުޅުގައި މިއަދު ހެނދުނު އެމަނިކުފާނު ވަނީ ދ. ހަނިމާދޫގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި އެވެ.
ކުޅުދުއްފުށީގައި ބާއްވާ ޚާއްސަ ޖަލްސާއަށް ދިޔުމަށް މާލޭގައި ތިބި އެމްޑީޕީ މެމްބަރުން މިރޭ އެރަށަށް ފުރާނެއެވެ. އެގޮތުން އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި ސަޕޯޓަރުން ކުޅުދުއްފުއްޓަށް ފުރާނީ އެރަށުގެ މަޝްހޫރު ބަހާދަރު ބޯޓުގައި އެވެ.
ގުޅުންހުރި

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

އެމްޑީޕީން އަންނަ މަހުގެ 17 ގައިވެސް މުޒާހަރާއަށް ނުކުންނަނީ
ފުލުހުން ކުރީ ދޮގު ތުހުމަތުތަކެއް، ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް - އެމްޑީޕީ
