
ފަރުމުލީގައި ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ--
ނ ފަރުމުލީގައި ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މިލަދުންމަޑުލު ދެކުނުބުރި (ނ) ފަރުމުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލާކަމަށެވެ.
އެގޮތުން ބީލަމަށް ހުޅުވާލީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއިއެކު 15 ހެކްޓަރަށްވުރެ ބޮޑުނޫން ރަށެއް ހިއްކޭގޮތަށެވެ.
ފަރުމުލީގައި ތަރައްޤީކުރަން ޖެހެނީ 150 އެނދުގެ ޖާގަ އާއި އެކުގައެވެ. އަދި އެ ރަށް ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށްކަން އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ. މި ބީލަން ކާމިޔާބުވާ ފަރާތަކުން ދެ މަސް ދުވަސް ތެރޭގައި މަދުވެގެން 2.25 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ. އަދި ބީލަން ހުށަހަޅާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ.
ފަރުމުލީގައި ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވާފައި އެވެ. މިއަދު ޝާއިޢުކޮށްފައިވާ ރައީސް ޤަރާރު ނަންބަރު 17/2025 އިން، މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިއާއެކު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސްގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





