logoEN
Sto top
ކުލަބު ވޯލްޑްކަޕް: ޕަލްމެއިރަސް ކަޓުވާލުމަށްފަހު ޗެލްސީ ސެމީފައިނަލުން ޖާގަ ހޯދައިފި

ކުލަބު ވޯލްޑްކަޕް: ޕަލްމެއިރަސް ކަޓުވާލުމަށްފަހު ޗެލްސީ ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/5/2025, 6:55:53 AM

# ފީފާ ކުލަބު ވޯލްޑްކަޕް 2025# ޗެލްސީ# ބޭރު ދުނިޔޭގެ ކުޅިވަރު

ޗެލްސީ އާއި ޕަލްމެއިރަސް ވާދަކުރި މެޗުގެ ތެރެއިން...

އެމެރިކާގައި މިހާފު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ބްރެޒިލްގެ ޕަލްމެއިރަސް 2-1 ގެ ނަތީޖާއަކުން ބަލިކޮށް ޗެލްސީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދީ ދެވަނަ ބުރުގައި 4-1 ގެ ނަތީޖާއަކުން ބެންފީކާ ބަލިކުރުމަށްފަހު އެވެ. އަދި ޕަލްމެއިރަސް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދަވަނަ ބުރުގައި 1-0 ގެ ނަތީޖާއަކުން ބޮޓަފޯގޯ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު 2022 އަހަރުގެ ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޕަލްމެއިރަސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން އަށްވަަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެސްޓެވާއޯ އެވެ.

އުމުރުން 18 އަހަރުގެ އެސްޓެވާއޯއަކީ ޗެލްސީގެ ކުޅުންތެރިޔެކެވެ. އޭނާ މިވަގުތު ޕަލްމެއިރަސްއަށް ކުޅެމުންދަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ކުލަބު ވޯލްޑްކަޕަށްފަހު އެސްޓެވާއޯ ޗެލްސީގެ ސްކޮޑާއި ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމެޗުގައި ޗެލްސީ އިން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑަކީ ފަހުހާފުގެ 83 ވަނަ މިނެޓުގައި ޗެލްސީގެ ކުޅުންތެރިޔަކު ގޯލުވކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕަލްމެއިރަސްގެ ކީޕަރު ވެވަޓަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީ ފޯވާޑް ނޯނީ މަޑުއެކޭއަަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ޕަލްމެއިރަސްގެ ކީޕަރު ވެވަޓަން އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެެގެންނެވެ.

މުބާރާތުގެ ސެމީފައިނަލުގައި މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ ޗެލްސީ އިން ނުކުންނާނީ ބްރެޒިލްގެ ފުލޫމިނެންސް އާއި ދެކޮޅަށެވެ. ފުލޫމިނެންސް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިކުރުމަށްފަހު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside