
ކުލަބް ވޯލްޑްކަޕް: ސައުދީ ލީގުގެ ފެންވަރު ދައްކާލުމަށްފަހު އަލް ހިލާލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
# މެންޗެސްޓާރ ސިޓީ# ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޭރު ދުނިޔޭގެ ކުޅިވަރުއަލް ހިލާލް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ހެނދުނު ޕްރެމިއާ ލީގުގެ ވަރުގަދަ މެންޗެސްޓާ ސިޓީ 4-3 ގެ ނަތީޖާއަކުން ބަލިކޮށް އަލް ހިލާލް އިން ސައުދީ ޕްރޮފެޝަނަލް ލީގުގެ ފެންވަރު ދައްކާލައިފިއެެވެ.

މުބާރާތުގެ ދެވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އަލް ހިލާލް ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އަނެއް ދެމެޗުން އެއްވަރުވެ ފަސް ޕޮއިންޓާއެކު ގުރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތިގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަަމަ ހާފުގެ ނުވަވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބެނާޑޯ ސިލްވާއެވެ.
މީގެ އިތުރުން ވެސްވމިހާފުގައި ސިޓީން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އަލް ހިލާލްގެ ކީޕަރު ބޯނޯގެ މޮޅު ސޭވްތަކާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އަލް ހިލާލުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މާކޯސް ލިއަނާޑޯ އެވެ.
އަލް ހިލާލުން ފުރަތަަމަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ސިޓީގެ ނޯވޭ ފޯވާޑް އެރްލިން ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ހިލާލުގެ ޑިފެންޑަރު ޚަލިދޫ ކުލިބާލީ ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް އިތުރު ވަގުތުގެ 15 މިނެޓްގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ސިޓީގެ އިނގިރޭސި ފޯވާޑް ފިލް ފޯޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އަލް ހިލާލް މިމެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާކޯސް ލިއަނާޑޯ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި އަލް ހިލާލުން ވާދަކުރަން ޖެހޭނީ ބްރެޒިލްގެ ފްލޫމިނެންސް އާއި ދެކޮޅަށެވެ. ފްލޫމިނެންސް ކުއާޓާ ފައިނަލުނަ ޖާގަ ހޯދީ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ބަލިކުރުމަށްފަހު އެވެ.
ގުޅުންހުރި

ކުލަބް ވޯލްޑްކަޕް: ޔުވެންޓަސް ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑް ކުއަޓާ ފައިނަލުން ޖާގަ ހޯދައިފި

ކުލަބް ވޯލްޑްކަޕް: ސައުދީ ލީގުގެ ފެންވަރު ދައްކާލުމަށްފަހު އަލް ހިލާލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ކުލަބު ވޯލްޑްކަޕް: ބްރެޒިލްގެ ފްލޫމިނެންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފި
