
-
ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ މިއަދުގެ މިވަގުތާއި ހަމައަށް 80 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުންނާއި ހަަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި މިވަގުތާއި ހަމައަށް މިއަދު އެކަނިވެސް 85 މީހަކު ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީން މިއަދު ވެސް ދަނީ ޣައްޒާގެ ގިނަ ސަރަހައްދުތަކަކަށް ހުއްޓުމެއްނެތި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިގޮތުން މިއަދު ޔަހޫދީންގެ ވަރުގަދަ ހަމަލާއެއް ޣައްޒާގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލަށްވެސް އަމާޒުވި އިރު ޣައްޒާގެ ގޮނޑުދޮށާައި ކައިރީގައި ހުންނަ ކެފޭއަކަށްވެސް ވަނީ ވަރުގަދަ ހަމަލާއެއް ދީފައި އެވެ.
ޣައްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ ސިޓީގެ ގޮނޑުދޮށުގައި ހުންނަ އަލްބަކާ ކެފެޓީރިއާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މިހާތަނަށް 22 މީހަކު ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ.
މީގެ އިތުރުން އެހީގެ މަރުކަޒުތަކުގެ ކައިރިއަށް އެހީ ހޯދަން ދާ ރައްޔިތުންނަށް އަމާޒުކޮށް މިހާރު ސިލްސިލާ ގޮތެއްގައި ޔަހޫދީ ސިފައިން ހަމަލާތައް ދެމުންދާއިރު މިއަދުވެސް ޚާން ޔޫނުސްގައި ހުންނަ އެމެރިކާ- އިސްރާއީލުން ހިންގާ ޖީއެޗްއެފްގެ މަރުކަޒެއް ކައިރީގައި ފަލަސްތީނުގެ 8 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެއެވެ. މީގެ އިތުރުން ރަފާހްގައި ހުންނަ މަރުކަޒެއް ކައިރީގައި 21 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައި އިތުރު 20 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައި އެވެ.
މިއަދު ހަމަލާތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އެވެ. އެގޮތުން އެސަރަހައްދުން އެކަނިވެސް 57 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 85 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ކެފޭއަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި: ޝަހީދުވި މީހުންގެ ތެރޭގައި ފޮޓޯޖާނަލިސްޓަކު ހިމެނޭ!

އިރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެކަން ނިރުބަވެރި އަސްކަރިއްޔާއިން ހާމަކޮށްފި
