
ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި މިއަދު ޔަހޫދީން ދިން ހަމަލާތަކުގައި ޣައްޒާއިން 104 މީހަކު މިހާތަނަށް ވަނީ ޝަހީދުވެފައި އެވެ. އެގޮތުން ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
އަދި އޭގެ ތެރޭގައި އެހީ ހޯދުމަށް ގޮސްތިބި މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިއަދު ޝަހީދުވި 38 މީހުންވެސް ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިއަދު އެންމެ ގިނަ ހަމަލާތަކެއް ދިނީ ޣައްޒާގެ އުތުރުން ބެއިތު ހަނޫން ސަރަހައްދަށެވެ. އެގޮތުން މިރޭގެ ވަގުތެއްގައި އެކަނިވެސް އެސަރަހައްދަށް ވައިގެ މަގުން 40 އަށްވުރެ ގިނަ ހަމަލާދީފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައި އެވެ. އަދި ފާއިތުވި ދެދުވަހުގެ ތެރޭގައި ވައިގެ މަގުން 250 އަށްވުރެ ގިނަ ހަމަލާ ޣައްޒާއަށް ދީފައިވާކަން ޔަހޫދީ އަސްކަރިއްޔާއިން މިއަދު ވަނީ އިއުލާނުވެސް ކޮށްފައެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ 57,882 މީހުން ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން އދ އިން މީގެ ކުރީން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!




